Thursday, January 8, 2009

war on gaza...loss of innocent lives...we muslims have to help our muslim society....



ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުން ތިޔަބައިމީހުންގެ މަދަދަށް އެދެއެވ









ލިޔުއްވީ: މުޙައްމަދު އަނީލް [ނޫރުލް-އިސްލާމް.ނެޓްގެ





ކަސޯޓީ ބަލަން ޓީވީ ދޮށުގައި ތިބޭއިރު ލޮލުން ހޯސްލާފައި ކަރުނަ އޮހެއެވެ. އޭގެ ބަޠަލާއަށް ނުވަތަ ބަޠަލަށް ދިމާވާ ހިތާމައެއްގައި ބައިވެރިވެލުމުގެ ގޮތުންނެވެ. އެއީ ބަޔަކު ކުޅެފައިވާ ޚިޔާލީ ތަމްސީލެއްކަން އެނގޭ ޙާލުގައިވެސް ރޯ މީހުން މަދެއް ނޫނެވެ.

އެހެން ނަމަވެސް އަދުގެ ދުނިޔޭގައި މުސްލިމުންނަށް ޖެހިފައިވާ ބޮޑެތި މުޞީބާތްތަކާއި ވޭނާއި ކެކުޅުމުގެ ވާހަކަ ޚަބަރުން ބަލަން، ޕޮޕްކޯންތަށި އަތަށް ލައިގެން ދެފައިވަށްކޮށްގެން ސޯފާއަށް އަރާ އިންނައިރު އިނދެވެނީ ހެވިފައެވެ.

އިހަކަށް ދުވަހު މުޅި ދުނިޔެ އެއްއަޑަކުން ގުގުމަމުން ދިޔައީ އޫރާއި މަކުނުގެ ދަރީން، ފަލަސްޠީނަށް އާ ޙަމަލާތަކެއް ދޭން ފަށައި، އެތައްސަތޭކަ ނިކަމެތި މުސްލިމުން މެރި ވާހަކައެވެ. މަރުވި މީހުންގެ އަދަދު ރެއާހަމައަށް 300 އަށް އަރައިފިކަމަށް ދުނިޔޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެއެވެ.

އަނިޔާވީ މީހުންނާއި، އެބައިމީހުންގެ ގޯތި ގެދޮރު ގެއްލުނު މީހުންގެ ޢަދަދު ދެނެވޮޑިގެންވަނީ ﷲއެވެ. އެހާ ގިނައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަމާންކަމާއެކު، ނިދާފައި ގޭގައި އޮންނައިރު ވިސްނާށެވެ! ހަމަ ތިބާގެ މުސްލިމު އަޚުންތަކެއް ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީ ފައުޖުގެ ޙަމަލާ އަންނާނީ ކޮން އިރެއްގައިކަން ނޭނގޭ ޙާލު، ބިރުވެރިކަންމަތީ ނިދަން ނުކެރިފައެވެ. ނިދައިފިނަމަ، ހޭލެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ނުވަތަ ހޭލެވޭއިރު ގޭގެ އަހުލުންގެ ތެރެއިން ޙަމަލާގެ ޝިކާރައަކަށްވެ ނިމިދާނީ ކިތައް މީހުންތޯ ވިސްނެއެވެ. އެބައިމީހުން އެ އުޅެމުންދަނީ މަރު އަތަށް ލައިގެންނެވެ. އެމީހުންގެ މުސްލިމު އަޚުން ކަމުގައި ދަޢުވާކުރާ އަޅުގަނޑުމެން މިތިބީ ހެވިލާފައި އުފަލުންނެވެ.

އަހަރެމެންގެ ޙާލަށް ބަލައިފިނަމަ، އަހަރެމެންނަކީ މުސްލިމުން ބާވައޭ ހިތަށް އަރައެވެ. މުސްލިމުންގެ މިސާލު ބަޔާން ކޮށްދެއްވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ.

ދެން އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ! ތިމަންނައަކީ މި ބުނާ އެއްހަށިގަނޑެއްގެ މިސާލުގައިވާ އުއްމަތުގެ މީހެއްތޯ ނުވަތަ ނޫންތޯއެވެ.

އަޅުގަނޑުމެން އުފަލާ އަރާމުގައި، ކައިބޮއެ، ނިދައި މަޖާކޮށް، އިސްރާފުކޮށް ހެދުމުގައި އަވަދިނެތި އުޅޭއިރު އަހަރެމެންގެ ލޮބުވެތި މުސްލިމު އަޚުންތަކެއް، ފަލަސްޠީނުގެ ޣައްޒާގައި އުޅެމުންދާ ނިކަމެތި ޙާލު އެނގިލައްވާ ތޯއެވެ؟

ތިބާގެ ލޯބިވާ ދަރިފުޅަށް ނުވަތަ ކޮއްކޮއަށް ބަލާލާ ފަހަރަކު ހަނދުމަ ކުރާށެވެ. އެ ނިކަމެތި ކުޑަކުއްޖާއެވެ. މަންމައާއި ބައްޕަގެ ލޯބިން މަޙުރޫމްވެފައި، އަޅާލާނެ މީހަކުނެތި ބޮޑު ސަހަރަކަށް ބީވެފައިވާ އެ ކުޑަކުއްޖާއެވެ. އޭނާގެ މަންމައާއި ބައްޕަ މި ދުނިޔެ ދޫކުރީ ޔަހޫދީންގެ ޢުދުވާނުގެ ސަބަބުންނެވެ. އަނިޔާވެރިންގެ އަތްދަށުވެއެވެ. ވިސްނާލާށެވެ. ރެއާއި މިއަދު އެ ކުއްޖާއަށް ކާނޭ އެއްޗެއް ނުލިބުނެވެ. މިރެއާއި މާދަމާ ކާނެ އެއްޗެއް ހޯދާނެ ތަނެއް ނެތެވެ. ސަލާންޖަހަން އަތް ދިއްކޮއްލާނެފަދަ މީހަކު ނެތެވެ.

ލޮބުވެތި މުސްލިމުންނޭވެ! ތިބާގެ ޢައުރަ ނިވާ ކުރައްވަން ހެދުމެއް އަޅާއިރު، އެބައެއްގެ އައުރަ ނިވާކުރުމަށް ފޭރާމެއް ނުލިބި ތިބި ތިބާގެ މުސްލިމު އަޚުންނާއި އުޚްތުން ހަނދާން ކުރާށެވެ. ތިބާގެ އަނބި މީހާއާއި އަންހެންދަރިފުޅު، މަންމައާއި ދައްތަ، ހެޔޮ ޙާލުގައި ސަލާމަތުންވާތަން ފެންނަ ހިނދު ހަނދާންކުރާށެވެ. ތިބާގެ މުސްލިމު އުޚްތުން ތަކެއްގެ ޢިއްފަތް ފޭރިގަނެވެނީއެވެ.

ތިބާ ބަލިވެގެން ހޮސްޕިޓަލަށް ގޮސް ބޭސްކުރާއިރު ވިސްނާށެވެ! ފަލަސްޠީނުގެ ބިމުގައި ބަލިވާ މީހުންނާއި، އޫރާއި ރާމާމަކުނުގެ ދަރިފަސްކޮޅު (ޔަހޫދީން)ގެ ޙަމަލާތަކުން ޒަޚަމްވާ މީހުންނަށް ފަރުވާ ކުރާނެ ބޭހެއް ނެތެވެ. ހޮސްޕިޓަލްތަކަށް ބޭސް ގެންދެވޭނެ މަގު ވަނީ ބަންދު ކުރެވިފައެވެ. މިޙާލުގައި ތިބި ނިކަމެތި މުސްލިމުންނަށް މަތިން ޔަހޫދީންގެ ޢުދުވާނުތައް ރެއާ ދުވާލު ދަނީ އޮހެމުންނެވެ.

ކާބޯތަކެތި ރަށަށް ވެއްދުން މަނާކުރެވިފައިވާ ޙާލު، އެރަށުގެ އަހުލުވެރިން ކާއެއްޗެއް ހޯދުމަށް ރަށުން ނުކުތުން ވެސް ވަނީ މަނާ ކުރެވިފައެވެ މިޙާލުގައި އުޅޭ މުސްލިމުންތަކެއް ފަލަސްޠީނުގައި އެބަ އުޅެއެވެ. އެއީ ބައެއްގެ ޢުދުވާނުގެ ދަށުގައި ވެފައިތިބި ނިކަމެތި ބައެކެވެ. ތިމަންމެންގެ އިލާހަކީ ﷲ އޭ ބުނުން ފިޔަވައި އެހެން އެއްވެސް ސަބަބެއް ނެތި އަނިޔާ ލިބެމުންދާ ބައެކެވެ. ތިމަންމެންގެ އިލާހަކީ ﷲ އޭ ބުނުން ފިޔަވައި އެބައިމީހުން ކުރީ ކޮން ކަމެއް ހެއްޔެވެ؟؟

ލޮބުވެތި މުސްލިމު އަޚުންނޭވެ! ފަލަސްޠީނުގެ މުސްލިމުން ތިޔަބައިމީހުންގެ މަދަދަކަށް އެދި ގޮވަނީއެވެ.

އޭ ދިވެހިންނޭވެ!! ﷲ ގެ ޙަޟްރަތުން އެފަދަ ދަތިކަމެއް އަހަރެމެންގެ މައްޗަށް އައުމުގެ ކުރިން، އިސްލާހުވެ، އެ މުސްލިމުންނަށް ޖެހިފައިވާ މުސީބާތުން އެމީހުން ސަލާމަތް ކުރެއްވުމަށް ދުޢާކުރައްވާށެވެ.

އޭ ހައްދަވާ ގެންގުޅުއްވާ އިލާހު!! ހަމަކަށަވަރުން ޔަހޫދީން މުސްލިމުންގެ ބިމުގައި މުސްލިމުން ނިކަމެތިކޮށްފިއެވެ! މުސްލިމުންގެ މައްޗަށް އަނިޔާވެރިވެ އަނިޔާވެރިކަމުން އިސްރާފުކޮށްފިއެވެ. އެބައިމީހުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ދެއްވާނދޭވެ!! އިބައިލާހުގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެމީހުންނަކީ އެއްވެސް ބައެއް ނޫނެވެ. އެބައިމީހުންނަށް ޢާދު ބާގައިގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ޢަޛާބެއް ފޮނުއްވާނދޭވެ. އެބައިމީހުންގެ މަކަރުވެރި ރޭވުންތައް އެބައިމީހުންގެ މައްޗަށް ރައްދު ކުރައްވައި، މުސްލިމުންގެ ޙަރަމް ޔަހޫދީންގެ އަތްދަށުން ސަލާމަތް ކުރައްވާނދޭވެ.!! އިބައިލާހީ ދުޢާ އިޖާބަކުރެއްވުމުގައި ދީލަތިވަންތަ އިލާހެވެ. އާމީން!

2 comments:

megat said...

  I think your blog is really info ... especially this post :)

Raufa said...

thnk u :)

Powered By Blogger